
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް--- ފޮޓޯ: މަޖިލިސް
އައްޑޫ އިން ކަރަންޓު ކެނޑޭތީ މަޖިލީހަށް ކުއްލި މައްސަލައެއް

އައިޝަތު އިނާޝާ - 24 ޖުލައި 2024 - 06:18
އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްއެވެ. މައްސަލަ ހުށަހަޅުއްވަމުން މެންބަރ ނާޒިލް ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ކަމުގައިވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއަކީ 30،000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ސިޓީއަކަށް ވީއިރު، އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށެވެ.
ވިދާޅުވީ ސަރުކާރުން އައްޑޫ ސިޓީއަށް އިހުމާލުވަމުން ދިއުމުގެ ސަބަބުން އެ ސިޓީގެ އާންމު ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތް އެންމެ އަސާސީ ފެންވަރަށް ފޯރުކޮށް ދިނުމުންވެސް ސަރުކާރުން ނުކުޅެދި ތަކުރާރުކޮށް ނިވިދިއްލޭ ބޮތްކެއްހެން އެރަށްތަކުގެ ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި ރަށުގެ ސްކޫލުތަކުންނާއި އޮފީސްތަކުންނާއި ފިހާރަތަކުން ދޭންޖެހޭ ހިދުމަތް ރައްޔިތުންނަށް ނުދެވޭ ކަމަށާއި އަގުބޮޑު ކަރަންޓު ސާމާނުވެސް ހަލާކުވަމުންދާ ކަމަށް ނާޒިލް ވިދާޅުވިއެވެ.
މީގެ ހަ ދުވަސް ކުރިން މ. މުލިން ކަރަންޓު ކެނޑުނު މައްސަލަ ވެސް ފާހަގަ ކުރަށްވަމުން ނާޒިލް ވިދާޅުވީ އެއީ އައްޑޫ ސިޓީއަށް އެކަނި ދިމާވާ މައްސަލައެއް ނޫން ކަމަށެވެ. އަދި ކަރަންޓު ކަނޑާލުމުގެ ކުރިން ނޯޓިސް ދިނުމަށް ހަކަތައިގެ ގާނޫނުގައި ލާޒިމުކޮށްފައިވީ ނަމަވެސް އެ ނޯޓިސްވެސް ނުދޭ ކަމަށް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ އައްޑޫސިޓީ އިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން އެއްވެސް ފިޔަވަޅެއް ސަރުކާރުން އަޅާފައިނުވާ ކަމަށާއި ކަރަންޓު ފޯރުކޮށްދޭ އިންޖީނުތައް މަރާމާތުކުރަން ބޭނުންވާ ސާމާނު ފާއިތުވި ހަތް މަސް ތެރޭގައި ފޯރުކޮށްދީފައިނުވާ ކަމަށެވެ. އަދި މި ސަރުކާރުން އުމްރާނީ ތަރައްގީ އާއި އިންސާނީ ތަރައްގީއަށް ބޭނުންވާ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ނާޒިލްގެ ކުއްލި މައްސަލާގައި ވަނީ ތުހުމަތު ކުރައްވައިފައެވެ.
މި ކުއްލި މައްސަލައަށް މަޖިލީހުގައި ބަހުސްކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ދުނިޔޭގެ ފަންނުވެރިންގެ ބޮޑު ސަމިޓެއް ރާއްޖޭގައި ބާއްވަނީ
މިނިޓެއް ކުރިން

ޙަރަދު ކުޑަކުރަން ބަނގުލަދޭޥްގައި ވެސް ރަސްމީ ގަޑި ކުޑަކޮށްފި
މިނިޓެއް ކުރިން

ހަނގުރާމައިގައި އީރާނުން ޔަހޫދީންގެ 6000 އަށްވުރެ ގިނަ މީހުން މަރައިފި
މިނިޓެއް ކުރިން

500 މިލިޔަން ޑޮލަރުގެ ސުކޫކު ދައްކައި ޚަލާސްކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)