logo

ތިނަދޫ ރައްޔިތުން ބޭނުންވާ ތަރައްޤީގެ ހުރަހަކަށް މެމްބަރު ވެގެން ނުވާނެ: ޑެޕިއުޓީ މޭޔަރު

profile

ޒިދާން މުޙައްމަދު - 30 ނޮވެމްބަރު 2024 - 12:40

ނަސްރުالله ޢަލީ - ތިނަދޫ ސިޓީ ޑެޕިއުޓީ މޭޔަރ

ނަސްރުالله ޢަލީ - ތިނަދޫ ސިޓީ ޑެޕިއުޓީ މޭޔަރ

ތިނަދޫ ރައްޔިތުން ބޭނުންވާ ތަރައްޤީގެ ހުރަހަކަށް މެމްބަރު ވެގެން ނުވާނެ ކަމަށް ތިނަދޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ ޢަލީ ވިދާޅުވެއްޖެއެވެ.

ނަސްރުﷲ މިފަދައިން ވިދާޅުވީ، ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ އުވާލަން ދުސްތޫރީ މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި ނިސްބަތްވެވަޑައިގަންނަވާ ދާއިރާ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ތިނަދޫގެ އާބާދީގެ ލިސްޓާ މެދު ސުވާލު އުފައްދައި، އެ މައްސަލާގައި ތިނަދޫ ރައްޔިތުންގެ ވިންދާ ދެކޮޅަށް ވާހަކަދައްކަވަމުންދާތީއެވެ.

ޑެޕިއުޓީ މޭޔަރު ވިދާޅުވީ، އެ ދާއިރާގެ މެމްބަރު ރަށާއި އަތޮޅަށް ލިބެން އޮތް ތަރައްޤީއާ ދެކޮޅުވުން ލަދުހުތުރު ކަމަށެވެ. ރައްޔިތުން ތިބީ ތަރައްޤީގައި ދެވުނު އެންމެ ކުރިއަކަށްދާން ކަމަށާއި އެކަމަށް ހުރި ހުރިހަކަށް މެމްބަރު ވެގެން ނުވާނެ ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.

ތިނަދޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ ޢަލީގެ ދާއިރާ ތަމްސީލްކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީއެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ތާއީދު ހޯދުމަށް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް ކަމަށް މިސަރުކާރުން ބުނެއެވެ. އެހެންވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ޤާނޫނަށް އިޞްލާހު ގެނެސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ އަލުން ދެއްވާފައެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވީ މިއަހަރުގެ މާޗް މަހުގައެވެ. ޤާނޫނީ އިމުގެ ތެރެއިން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވަޢުދެއްވެސް މެއެވެ.

މިމައްސަލާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަލްސަން އަހުމަދު ހުންނެވީ ރައްޔިތުންގެ ފަޅީގައެވެ.

މެމްބަރު އަލްސަން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 51ވަނަ މާއްދާގެ (ރ)ގެ ދަށުން ތިނަދޫ ސިޓީ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވަނިކޮށް، ސިޓީ ދަރަޖައާމެދު ސުވާލު އުފައްދައި، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒުކުރެއްވުމަށް ހުރަސްއަޅައި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކުޑައިމީސްކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނީގޮތުން ލިބިދޭ ޤާނޫނީ ބާރު ކެނޑޭގޮތަށް، ރައީސުލްޖުމްހޫރިއްޔާގެ ރުހުމާއެކު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ އަށް އައްޔަންކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ސަރުކާރުގެތެރެއިން ހިންގާ ޢަމަލެއްކަމަށެވެ. އަދި އެއީ ތިނަދޫ ރައްޔިތުންގެ މަސްލަޙަތާއި ހަމަޖެހުން ނަގާލުމަށް ހިންގާ ޢަމަލެއްކަމުގައި ދެކޭތީ، ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރެއްވުމަށް ހުރަސްއަޅާ އެފަދަ ފަރާތްތަކާމެދު އަވަސް ފިޔަވަޅު އަޅުއްވައި ދެއްވުމަށް ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުން ހިމެނޭހެން މުޅި ތިނަދޫ ރައްޔިތުންގެ ފަރާތުން އަދުގެ ރައީސުލްޖުމްހޫރިއްޔާ އަށް ގޮވާލާ ކަމަށްވެސް އަލްސަން ވިދާޅުވިއެވެ.

ތިނަދޫއަށް ސިޓީގެ ދަރަޖަ ދެއްވުމަށް ފަހު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ލާމަރުކަޒީ ގާނޫނުގައިވާ ބުނާ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ވާތީ ތިނަދޫ ސިޓީއަކަށް ހަދަން ނިންމައި، ގަރާރުގައި ސޮއިކުރެއްވީ ކަމަށެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ މިންގަނޑުގެ ތެރޭގައި އާބާދީ 10،000 އަށް ވުރެ ދަށްނުވުން ހިމެނެއެވެ.

https://wamco.com.mv/
tel:+9607331319