
ރައީސް ސޯލިހު
ރައީސް ނަޝީދު ސޯލިހަށް: "ގަނެގެން ތިޔަ ގެންދެވެނީ މެމްބަރު އެކަނި"

އަހުމަދު ޒަލީފު - 27 އޯގަސްޓު 2023 - 07:05
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަނެގެން ގެންދެވި ނަމަވެސް އެ ގެންދެވެނީ ހަމައެކަނި މެމްބަރު ކަމަށާއި އެމެންބަރުގެ އާއިލާގެ ވޯޓު ވެސް ލިބޭނެ ކަމާ މެދު ޝައްކުކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ދެއްވައިފި އެވެ.
"ރައީސް ސޯލިހަށް އެނގިވަޑައިގަންނަވަން ޖެހޭނެ ތީގެން އެއްވެސް މެމްބަރެއް ގެންދަވައިފިނަމަ ހަމަ އެ ގެންދެވެނީ ވަކި ފަރުދެއް. ހަމަ އެކަނި އެ ބޭފުޅާ. އެ ބޭފުޅާގެ އާއިލާގެ ވޯޓާދޭތެރޭ ވެސް ޝައްކު އުފެދެނޭ. ސީދާ ވަކި މީހުންކޮޅެއް ގެންގޮސް އެ ބޭފުޅާ ކައިރިއަށް ބޮޑު ހަރަދު ދީގެން އެބަ ގެންދަވާ. އެކަން ކުރައްވަމުން ކުރައްވަމުން ގެންދަވާނެ" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް ވިކޭ ބޭފުޅުންނަށް ހައްތަހާ ލިބޭނީ ނާކާމިޔާބު ކަމަށާއި ރިޝްވަތުން ހޯދާނެ ކާމިޔާބެއް އެއްވެސް ގައުމެއްގައި އެއްވެސް މުޖުތަމައުއެއްގެ ތެރޭގައި ނޯންނަ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު މި ފަސް އަހަރާއި އޭގެ ކުރިން ވެސް ސިޔާސީ މަސައްކަތް ހިންގަވަނީ މުއާމަލާތެއް ހިންގަވާ އުސޫލުން ކަމަށެވެ. އެހެން ނަމަވެސް އާންމު ގޮތެއްގައި ސިޔާސީ މީހަކު މަސައްކަތް ކުރާން ޖެހޭނީ ވަކި ފިކުރަކާއި ހިޔާލަކާއި އުސޫލެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން މީހުންގެ ތެރޭގައި ތައާރަފްކުރަން މަސައްކަތް ކުރުމާއި މީހުންގެ ތެރޭގައި މަގުބޫލުކަން ހޯދަން މަސައްކަތް ކުރަން ޖެހޭ ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.
"ފަރުދީ ތަނަވަސްކަން، އަބުރުވެރި ހަޔާތެއް، މީހުންނަށް ހޯދައިދިނުމަށް އެކަން ކުރެވޭނެ ސިޔާސަތުތަކެއް ރައްޔިތުންނަށް ހުށަހަޅާއި އެއަށް ތާއިދު ހޯދުން. ރައީސް ސޯލިހުގެ އޭގެ ބަދަލުގައި ކުރައްވާ ކަމަކީ އޭނާ ހޯދައިފައި އޭނާ ގަތުން" ރައީސް ނަޝީދު ވިދާޅުވި އެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓު މަރުކަޒުތަކަށް އޮފިޝަލުން ތަމްރީނުކުރުން- ހުވަދުއަތޮޅު ދެކުނުބުރީގެ ޕްރޮގްރާމުތައް
4 ގަޑިއިރު ކުރިން

ބަނގުރާފުޅިތަކާއެކު ހަތަރު މީހަކު ހައްޔަރު
4 ގަޑިއިރު ކުރިން

ސަރުކާރުގެ ޕޮލިޓިކަލް ޑައިރެކްޓަރު ވަކިކޮށްފި
5 ގަޑިއިރު ކުރިން

ގަވައިދާ ޙިލާފު ސިގިރެޓު ވިޔަފާރި- ބިދޭސީ މީހާގެ ބަންދު އިތުރުކޮށްފި
10 ގަޑިއިރު ކުރިން


