މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނު އަސާސީ އަކީ ކޮންމެ މަޖިލީހަކުން ފަސޭހައިން ބަދަލުކޮށްލެވޭ އެއްޗަކަށް ވެއްޖެނަމަ އެކަމުގެ ނޭދެވޭ ނަތީޖާއެއް ނިކުމެދާނެ ކަމަށް ވިދާޅުވެ، ގާނޫނު އަސާސީ ބަދަލުކުރުމުގައި ރަނގަޅު އުސޫލެއް އެކުލަވާލަން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
މިއަދަކީ ފެހި ގާނޫނު އަސާސީއަށް އަމަލުކުރަމުން އަންނަތާ 16 އަހަު ފުރޭ ދުވަހަށް ވާއިރު، ފެހި ގާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ގާސިމް އިބްރާހިމް މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވަނީ، އޭރު ގާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރެއްވި އިރުގެ ބައެއް ތަޖުރިބާ އާއި، އޭގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.
ގާސިމް ވިދާޅުވީ ގާނޫނުއަސާސީ އަށް 16 އަހަރު ފުރުނު އިރު މިހާތަނަށް ދެ ފަހަރެއްގައި އެއަށް ބަދަލު ގެނަސްފައިވާ ކަމަށެވެ. އަދި އެ ދެ ބަދަލު ގެނައީވެސް ވަރަށް ފަސޭހައިންކަން ފާހަގަކުރެއްވި އެވެ.
ގާސިމްވަނީ މީގެ ކުރިން ގާނޫނުއަސާސީ އަށް ބަދަލު ގެންނަ ނަމަ ޚާއްސަ މަޖިލިސް އެއްތަން ވާން ޖެހޭކަން ފަހަގަކުރައްވާ، އެއީ އެހާ ފަސޭހައިން ކުރެވިގެން ވާނެ ކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ.
"ވަރަށް ފަސޭހައިން 75 ޕަސަންޓު ރައްޔިތުންގެ މަޖިލީހުގައި ތިބޭ މެމްބަރުންގެ އަދަދުން ލިބޭ ވޯޓަކުން ގާނޫނުއަސާސީ ބަދަލުކުރެވޭ ގޮތަށް ވަންޏާ އޭގެ ހުރި ނުރަނގަޅު ކަންތައްތަކެއް އަންނާނެ ކަމާ މެދުގައި ވެސް ވިސްނާލަން ޖެހޭނެ. އަދި އަޅުގަނޑު މި ދަންނަވަނީ ޚާއްސަ މަޖިލިސް އޮތަސް ވެސް އެހެން ދިމާވެދާނެ. އެކަމަކު އެކަން ކުރުމަށްޓަކާ އަޅަން ހުރި ފިޔަވަޅުތަކާ ގިރާކުރަން ހުރި ހަރުފަތްތައް ގިނަގުނަ."
ގާސިމް ވިދާޅުވީ ވެރިކަމަށް އަންނަ ކޮންމެ ބަޔަކަށް މަޖިލިސް ލިބި އެބަޔަކު ބޭނުންވާ ގޮތަކަށް ގާނޫނުއަސާސީ ބަދަލުކުރާ ނަމަ އެއީ ގިނަ މީހުން ބޭނުންވާ އަދި އެންމެ ރަނގަޅު ގޮތަށް ނުވެދާނެ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީ އަކީ ކުއްލިއަކަށް ބައެއްގެ ވިސްނުމަށް އަންނަ ކަމަކުން ނުވަތަ ބަދަލަކުން، ކުޅެވޭނެ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. އެގޮތުން އެއީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ ހައްގުތަކާއި އެހެނިހެން ވެސް މުހިންމު އެތައް ކަމެއްކަން ފާހަގަކުރެއްވި އެވެ. ވަކިން ޚާއްސަކޮށް ގާނޫނުއަސާސީގެ 9 ވަނަ މާއްދާއާއި 10 ވަނަ މާއްދާގެ މައްޗަށް އޭނާ އަލިއަޅުއްވާލެއްވި އެވެ.
ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި މި ބުނަނީ އަޅުގަނޑުމެންނަކީ އިސްލާމުންނޭ، އިސްލާމްދީނޭ، އަޅުގަނޑުމެންގެ ދީނަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ހަދައިގެން ނުވާނޭ. އެކަމަކު ޒަކާތް ދިނުމާ ގުޅޭ ގޮތުން، ޓެކްސް ނެގުމާ ގުޅޭ ގޮތުން ހެދިފައި ހުރި ގާނޫނާ މިހާރު އަމަލުކުރަމުންދާ ގޮތަށް ބަލާއިރު އިސްލާމްދީނުގެ އަސްލަކަށް ނުވޭބާއޭ ޓެކްސް ނެގުމުގެ ކަންތައްތައް. ރަސޫލާ ޓެކްސް ނެގުމުގެ ނިޒާމް އަޅުގަނޑުމެންނަށް ހާމަކޮށްދެއްވާފައިވަނީ ކިހިނެއްކަން އެބަ އެނގޭ.
ގާނޫނު އަސާސީ އަށް 16 އަހަރު ފުރުނުއިރު މިހާތަނަށް އެއަށް ބަދަލު ގެނެސްފައި ވަނީ 2 ފަހަރު އެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ ދައުރު 3 އަހަރަށް އޮތް އޮތުން 5 އަހަރަށް ބަދަލުކުރުމާއި، ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް 99 އަހަރަށް މިލްކު ކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ގެނައި އިސްލާހެކެވެ.
އެކަމަކު އެ އިސްލާހު ކުރިން އޮތް ގޮތަށް އެމްޑީޕީ ސަރުކާރުގައި ވަނީ ރުޖޫއަ ކޮށްފައެވެ. އެހެންވެ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއަށް މިހާތަނަށް ގެނެސްފައިވަނީ އެންމެ ބަދަލެކެވެ.