ސިޔާސީ އޮއިވަރުގައި ޖެހިގެން، އެއިރެއްގައި އޮންނަ ސަރުކާރެއްގެ ވިސްނުމާއި އެއްގޮތަށް އަބަދު ބަދަލުތަކެއް އަންނަ ގޮތަށް ގައުމުގެ ތަރައްގީގެ ކަންކަން ގެންދާނަމަ ރައްޔިތުންނަށް އެންމެ ހެޔޮގޮތް ނުލިބޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް 20 އަހަރަށް ގައުމީ ތަރައްގީގެ ޕްލޭން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ގައުމީ ތަރައްގީގެ ޕްލޭންގެ މަސައްކަތަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ބޭނުމަކީ ރައްޔިތުން އެންމެން އެކުވެގެން ނިންމާގޮތަށް ގައުމުގެ ކަންކަން ދާނެކަން ޔަގީންކުރުން ކަމަށެވެ.
ރައީސް ވިދާޅުވުވީ ގައުމީ ތަރައްގީގެ ޕްލޭންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހާއްސަކޮށްގެން ގާނޫނެއް ފަރުމާކޮށް، ތަޢާރަފްކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ރަޢިސް ވިދާޅުވީ މި ޕްލޭނަށް ރާއްޖޭގެ ހުރިހާ ރަށަކުންވެސް ބަސް ބުނުން މުހިއްމު ކަމަށާއި ކޮންމެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ޕްލޭނުގައި ހިމަނާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އަމާޒަކީ 2040 އަންނަ އިރު ރާއްޖެއަކީ ހުރިހާ ގޮތަކުންވެސް ތަރައްގީވެފައިވާ ގައުމަކަށްވުން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ގައުމު ތަރައްގީކުރަން. ރައްޔިތުން މުއްސަނދިވާން، ފުދުންތެރިވާން، ގެދޮރުވެރިކަން އެންމެނަށް ލިބިގެންދާން. ވަޒީފާގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއްނެތި، ލިބޭނެކަން ޔަގީންވާން." ރައީސް
ރައީސް ވިދާޅުވީ މިއީ ސިޔާސީ ކަމެއް ނޫން ކަމަށާއި މިއުޅެނީ ޖީލެއްގެ ތަސައްވުރު ކަނޑައެޅުމަށް ކަމަށެވެ.
މީގެއިތުރުން އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) އަކީ މިއަދުގެ ހަގީގަތްކަމާއި ޑިޖިޓަލް އިގްތިސާދު ރާއްޖޭގައި ފުޅާކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ފިކުރާއި އަޅުގަނޑުމެންގެ ދީނާއި، ގައުމިއްޔަތު، އަޅުގަނޑުމެންގެ ބަހާތަކާއި ހިމާޔަތްވެގެން އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދޭގޮތުގެ ތަރައްގީގެ ޕްލޭންއަކަށް ވާންޖެހޭނެ." ރައީސް
ގައުމީ ތަރައްގީގެ ޕްލޭން އެކަށައެޅުމުގެ މަޝްވަރާތައް މިއަދު އިފްތިތާހްކޮށް ދެއްވާފައިވާއިރު ރައީސް ވިދާޅުވީ އެއް އަހަރުތެރޭ މި ޕްލޭންގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އަންނަ އަހަރު ނޮވެމްބަރު މަހުގައި ޕްލޭނަށް އަމަލުކުރަން ފެށުމަށް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.