
ފޮޓޯ: ރައީސް އޮފީސް
އިންޑިއާއާއެކު ސޮއިކުރި ފަހުމުނާމާގެ ސަބަބުން ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ: އޭސީސީ

އައިޝަތު އިނާޝާ - 08 އޮކްޓޯބަރު 2024 - 10:49
ކޮރަޕްޝަން ހުއްޓުވުމަށާއި، ވިޔަނުދިނުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިކަން ދިނުމަށް ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެޓިގޭޝަން (ސީ.ބީ.އައި) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ، މިމަހުގެ 6 ވަނަ ދުވަހެވެ. އޭ.ސީ.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްއެވެ. ސީ.ބީ.އައިގެ ފަރާތުން ސޮއިކުރެއްވީ ސީ.ބީ.އައިގެ ޑިރެކްޓަރ، ޕްރަވީން ސޫދެވެ.
މި އެއްބަސްވުން ރަސްމީކޮށް ބަދަލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރޭގައި ބޭއްވެވި ފަހުނަމާ (އެމް.އޯ.ޔޫ) ބަދަލުކުރުމުގެ ރަސްމިއްޔާތުގައި، ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލްފާޟިލް އިބްރާހީމް ޝަހީބު އަދި އިންޑިއާގެ މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ ބޯޑަރ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ސެކްރެޓަރީ ޑރ. ރާޖެންދްރަ ކުމާރުއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިޔަށް ގެންދާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި:
- ކޮރަޕްޝަން ވިޔަނުދިނުމަށްޓަކައި (ޕްރިވެންޝަން) ބޭނުންވާ މަޢުލޫމާތު ދެ މުއައްސަސާގެ މެދުގައި ބަދަލުކުރުން؛
- ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގައި "ބެސްޓް ޕްރެކްޓިސް" ތަކުގެ މަޢުލޫމާތު ބަދަލުކުރުމާއި، ދެމުއައްސަސާ ގުޅިގެން ދިރާސާކުރުން؛
- ތަޢުލީމު، ތަމްރީނު އަދި ދިރާސާ ހިމެނޭގޮތަށް ކޮރަޕްޝަން ހުއްޓުވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް އެކުގައި މަޝްރޫޢުތަކާއި ޙަރަކާތްތައް ކުރިޔަށްގެންދިޔުން؛
- ކޮރަޕްޝަން ވިޔަނުދިނުމާއި (ޕްރިވެންޝަން) އެކަމާ ދެކޮޅަށް ހޭލުންތެރިކުރުވުމުގައި އެއް މުއައްސަސާ އަނެއް މުއައްސަސާއަށް އެހީތެރިވެ، މަޢުލޫމާތާއި، ހުނަރާއި، ތަޖުރިބާއާއި އަދި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުން؛
- ކޮރަޕްޝަނުގެ ކުށް ތަޙުޤީޤުކުރުމާއި، ވިޔަނުދިނުމާއި ދަޢުވާކުރުމާއި ގުޅޭ ފަންނީ އެހީތެރިކަން ބަދަލުކުރުން؛
- ކޮރަޕްޝަންގެ ކުށް ވިޔަނުދިނުމާއި ތަޙުޤީޤު ކުރުމާ ގުޅުންހުރި މުވައްޒަފުން ތަމްރީނުކުރުން؛
- ދެ ފަރާތް ގުޅިގެން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ގުޅުންހުރި ފޯރަމްތަކާއި، ސެމިނަރތަކާއި، ކޮންފަރެންސްތަކާއި ވަރކްޝޮޕްތައް ބޭއްވުމާއި އެފަދަ ކަންކަމުގައި ބައިވެރިވުން؛
- މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމާއި، ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ކުރާ ކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަންދިނުން؛
- ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އިންޓަރޕޯލް ފަދަ މިހާރު ޤާއިމުކޮށްފައިވާ ބައިނަލްއަޤުވާމީ ނެޓްވަރކްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގައި އެހީތެރިކަން ބަދަލުކުރުން؛
އޭސީސީން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ރާއްޖެއާއި އިންޑިއާއާ ދެމެދު ކޮރަޕްޝަން ހުއްޓުވުމަށާއި ވިޔަނުދިނުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މި ދާއިރާގައި ދެ ޤައުމުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކޮށް ވަރުގަދަކުރުމަށް މަގުފަހިކޮށްދޭނެ އިސްތިރާތީޖީ ފިޔަވަޅެއްކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ފުވައްމުލަކު ދޯންޏެއް އޮޔާ ދަނިކޮށް ސަލާމަތްކޮށްފި
11 ގަޑިއިރު ކުރިން

އެފްޑީސީ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި
11 ގަޑިއިރު ކުރިން

ހަނިމާދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
15 ގަޑިއިރު ކުރިން

އާއަހަރު ފެސްޓިވަލް އިން ސްޓޯލްދޫކުރަން ފަށައިފި
15 ގަޑިއިރު ކުރިން


