
--
ގާސިމް، ނައިބު ރައީސް ފައިސަލްގެ ބައްޕާފުޅާ ބައްދަލު ކުރައްވައިފި

އަހުމަދު ޒަލީފު - 04 ސެޕްޓެމްބަރު 2023 - 17:11
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް، މި ސިޓީ އަށް ފެއްޓެވި ރިޔާސީ ކެމްޕެއިން ދަތުރުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ ބައްޕާފުޅު އަހުމަދު ނަސީމްއާ މިރޭ ބައްދަލު ކުރައްވައިފިއެވެ.
ނަސީމަކީ ފައިސަލް ނަސީމްގެ އިތުރުން ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރުކަން މީގެކުރިން ކުރެއްވި ގައިސަރު ނަސީމްގެ ވެސް ބައްޕާފުޅެވެ. އެނގިފައިވާ ގޮތުގައި ގާސިމާއި ނަސީމްއަކީ ވަރަށް ޒަމާންވީ، ގާތް ދެ ރަހްމަތްތެރިންނެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ފުވައްމުލަކުގައި ހުންނަ ނައިބު ރައީސްގެ ގެކޮޅުގައެވެ.
ނައިބު ރައީސް ފައިސަލް ނަސީމް، އެ މަގާމަށް ވަޑައިގެންނެވުނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރީ ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ (އެމްއާރުއެމް) ގެ އެހީއާ އެކުގައެވެ. ހުރިހާ ޕާޓީތަކާ އެކުގައި ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން އޭރުގައި ރަނިންމޭޓު ކަމުގެ ސްލޮޓް ދޭން ނިންމީ ޖުމްހޫރީ ޕާޓީއަށެވެ. ރަނިންމޭޓު ކަމަށް ފައިސަލް ވަޑައިގަތީ ޖޭޕީގެ ކައުންސިލްގައި ނެގި ވޯޓު ކާމިޔާބުކުރައްވައިގެންނެވެ.
ރަނިންމޭޓު ކަމަށް ފައިސަލްއާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނެވެ. ފައިސަލް ވަނީ ވަރަށް ކުޑަ ތަފާތަކުން އަލީ ހުސެއިންގެ މައްޗަށް ކުރި ހޯއްދަވައިފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައި މި ފަސް އަހަރު ވަފާތެރިކަމާ އެކުގައި މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ފައިސަލްއެވެ. އަދި ފައިސަލް ވަނީ ރައީސް އާ އެކުގައި އިތުރު ދައުރެއް ފުރިހަމަ ކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށް ވެސް ވިދާޅުވެފައެވެ.
ނަމަވެސް މިފަހަރު ރައީސްގެ ރަނިންމޭޓަކު ކަނޑައެޅުމަށް ރައީސް ކޯލިޝަންގެ އިސްވެރިންނާއި، އެމްޑީޕީގެ އިސް ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައި ރައީސް ނިންމެވީ ރަނިންމޭޓު ކަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަށް ދެއްވުމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގަނީ
3 ގަޑިއިރު ކުރިން

ީރާއްޖެއިން ލިބެން ހުރި ބޭހުގެ މައުލޫމާތުތައް އޮންލައިންކޮށް ބެލޭގޮތަށް ހަދަނީ
4 ގަޑިއިރު ކުރިން

މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން މިފްކޯގެ ހަރަދުކުޑަކުރަން މަސައްކަތު ގަޑި ކުރުކޮށްފި
4 ގަޑިއިރު ކުރިން

ޖޭޕީއަށް މާމިގިލީ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް ގެއްލިއްޖެ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)