ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކެޓްރީ އައްބާސް ޝަރީފްގެ ނަން ރައިސުލްޖުމްހޫރިއްުޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާތީ އެކަމާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ހުށަހެޅުމަށް 5 ދުވަހުގެ މުއްދަތެއް ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާގައިވަނީ އައްބާސްގެ ނަންފުޅު ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށާއި ވުމާއެކު އާއްބާސްއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްއޮތްނަމަ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޝަކުވާ ހުށަހެޅުމަސް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތަކާއި އެކު ރައީސް ފޮނުއްވި ސިޓީފުޅު 20 ވަނަ މަޖިލީހުގެ ދައުރުން ބޭރުގައި ރޭ ބޭއްވި ޖަލްސާގައި މަޖިީލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާވަނީ އިއްވަވާފައެވެ.
ަރައީސްގެ ސިޓީފުޅުގައި އެދިވަޑައިގެންނެވީ އައްބާސް އެ މަގާމަށް އައްޔަނު ކުރެއްވުމަށެވެ.
އައްބާސްގެ އިތުރުން، އެ މަގާމަށް ކުރިމަތިލާފައިވާ އެހެން ފަރާތްތަކުގެ ނަންތައްވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.
އައްބާސަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ އަދި ބޮޑެތި ގިނަ މައްސަަލަތަކެއްގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ވަކީލެކެވެ.
އޭނާ ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލުކަން ވެސް ކުރައްވައިފައެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރު ކަންވެސް އޭނާ ކުރެއްވިއެވެ.
ޕީޖީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ހުސެއިން ޝަމީމް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.