logo

ސޯލާއިން އެކަނި ކަރަންޓު ފޯރުކޮށްދޭ ފުރަތަމަ ރަށް، ރަކީދޫ!

profile

ޝާމާ ޝުޢައިބު - 30 ނޮވެމްބަރު 2024 - 18:25

ވ. ރަކީދޫ

ވ. ރަކީދޫ

އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގެ އެންމެ އިސް ސަފުގައި ހިމެނިފައިވާ ވ. ރަކީދޫއަކީ އިޔާދަކުރަނިވި ހަކަތައިން އެކަނި ކަރަންޓު ފޯރު ކޮށްދޭ ފުރަތަަމަ ރަށަށް ހެދުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

އެ ރަށުގައި ކަރަންޓު އުފެއްދުމަށްޓަކައި ޖަނަރޭޓަރު ހިންގަންޖެހޭ ވަގުތު މިހާރު ދުވާލަކު ދެ ގަޑިއިރަށް ކުޑަކުރެވިފައިވާއިރު ކުރިއަށް އޮތް ދެ ހަފުތާގެތެރޭގައި އެ ދެ ގަޑިއިރަށް ވެސް ޖަނަރޭޓަރު ހިންގަން ނުޖެހޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސިސްޓަމްތައް ބޭނުންކުރާ ގޮތުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާ ކުރައްވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނިޒާމް ވިދާޅުވީ، އެ ރަށުގައި ގާއިމް ކޮށްފައިވާ ނިޒާމަކީ އިރުގެ އަލިން ކަރަންޓު އުފައްދާ ހައިބްރިޑް ޕީވީ- ބީއީއެސްއެސް -ޑީޖީ ނިޒާމެއް ކަމަށެވެ.

މި ޕްރޮޖެކްޓަކީ ސޯލާ ހައިބްރިޑް ސިސްޓަމެއް. އޭގެ މާނައަކީ ސޯލާ ހަކަތައާ ބެޓެރި އަދި ޖަނެރޭޓަރު ބޭނުންކުރެވިގެން މި ރަށަށް ކަރަންޓު ފޯރު ކޮށްދެމުން މި ގެންދަނީ. ހައެއްގެ ފަހުން ސޯލާއިން ކަރަންޓެއް ނުއުފައްދާނެ. އިރު އޮއްސުނީމަ. އެހާހިސާބުން މުޅި ރަށަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދޭނީ ބެޓެރިން.. - ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނިޒާމް

ނިޒާމް ވިދާޅުވީ އެ ނިޒާމުން އުފައްދާ ކަރަންޓު ރަށަށް ފޯރުކޮށްދިނުމާއެކު ބެޓެރި ވެސް ޗާޖު ކުރަމުން ދާނެ ކަމަށެވެ.އިރު އޮއްސުމަށްފަހު ސޯލާއިން ކަރަންޓު ނުއުފެއްދޭ ކަމަށާއި ނަމަވެސް އެހާތަނަށް ބެޓެރި ހުންނާނީ 90 އިންސައްތަ ޗާޖު ވެފައި ކަމަށެވެ. ބެޓެރި އެވަރަށް ޗާޖު ވުމުން ރޭގަނޑުގެ ވަގުތު އެއްކޮށް، ޖަނަރޭޓަރު ޖެއްސުމެއްނެތި ކަރަންޓު ފޯރު ކޮށްދެވެމުން ދާނެ ކަމަށް ނިޒާމް ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެން މި ބަލަނީ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ފޯރު ކޮށްދޭ ރަށަކަށް މި ރަށް ހެދުން. ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އިތުރު ބެޓެރިއެއް އެބަ ބެހެއްޓޭ އާރްއޯ ޕްލާންޓްގަ. އެ އިންސްޓޯލް ކުރެވުމުން ދެ ގަޑިއިރަށް ވެސް ޖަނަރޭޓަރު ހިންގަން ނުޖެހޭނެ، - ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނިޒާމް

އެއާއެކު ވ. ރަކީދޫ ވެގެންދާނީ އިޔާދަކުރަނިވި ހަކަތައިން އެއްކޮށް އޮޕަރޭޓްކުރާ ފުރަތަމަ ރަށަށް ކަމަށް ނިޒާމް ވިދާޅުވިއެވެ.

ނިޒާމް ވިދާޅުވީ އެރަށުގެ 30 ގޭބިސީގެތެރެއިން 12 ގޭބިސީއެއްގެ ފުރާޅުގައި ސޯލާ ޕެނަލްތައް ހަރުކޮށްފައިވާއިރު ހަމައެކަނި ސަރުކާރުގެ އިމާރާތްތަކުގެ ފުރާޅުގައި ސޯލާ ޖަހައިގެން މުޅި ރަށަށް ބޭނުންވާ މިންވަރަށް ކަރަންޓެއް ނުއުފެއްދޭ ކަމަށެވެ.

އެހެންވެ އާންމު ރައްޔިތުންގެ ގޭގޭގެ ފުރާޅުތައް ކުއްޔަށް ނެގީ. ދެން އެ ގެތަކުގެ ފުރާޅުގަ ސޯލާ މި ޖެހީ. ދެން ބިލުން އެބައި އުނިކުރާ ގޮތަށް، ނުވަތަ ފައިސާ ދޭ ގޮތަށް، - ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނިޒާމް

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކަރަންޓު އުފެއްދުމަށްޓަކައި، ދައުލަތުން ތެޔޮ އިމްޕޯޓުކުރުމަށް ބޮޑެތި މާލީ ޚަރަދުތަކެއް ކުރަމުން ދާއިރު ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ނިންމާފައެވެ.

އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 2028 ވަނަ އަހަރު އަންނައިރު ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިޔާދަކުރަނިވި ވަޞީލަތްތަކުން އުފައްދާ ހަކަތައަށް ހެދުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު މަސައްކަތްކުރައްވަމުންދާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319