ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާމެދު ކުރީގެ ރައީސް ޔާމީން ގެންގުޅުއްވަނީ ޒާތީ ހަސަދައެއްކަމަށް ވިދާޅުވެ އޭގެ ބައެއް ހެކި މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު(ޖަނާބު) ވިދާޅުވެދެއްވައިފިއެވެ.
މެމްބަރު މިފަދައިން ވާހަކަފުޅު ދައްކަވާފައިވަނީ "އަސްލުޓީވީ" ގެ ދިވެހިންގެ ރާއްޖެ މެމްބަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެމްބަރު ވިދާޅުވީ ސިޔާސީ ހަސަދައަކީ ކޮންޓްރޯލުކުރަން ދަތިވާ އެއްޗެއްކަމަށާއި އެހެންނަމަވެސް ވެރިކަން ކުރަމުންދާ ބޭފުޅުންނާއި ވެރިކަން ކޮށްފައިވާ ބޭފުޅުންނަކީ ހަރުދަނާ ބަޔަކަށް ވާންޖެހޭނެކަމަށެވެ. ސިޔާސީ ގޮތުން ހިޔާލުތަފާތުވުމަކީ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ މައްސަލައަކަށްވަނީ ޒާތީ ހަސަދަ ފިލުވާލައި އަބުރު ކަތިލަން އުޅުންކަމަށެވެ.
ރައީސް ޔާމީން ކުރިން ކުރެއްވި މަސައްކަތްޕުޅުތަކާއި މިހާރު ކުރައްވާ މަސައްކަތްޕުޅުތައް ވަރަށް ކައިރިން ބަލަމުންދިޔަކަމަށާއި ރައީސް ޔާމީންގެ އަމަލުފުލުތައް ހުރީ ޒާތީ ހަސަދައެއް ފިލުވާލުމަށްކަމަށް މެމްބަރު ވިދާޅުވިއެވެ. އެގޮތައް ވިދާޅުވާ ސަބަބުވެސް މެމްބަރު ވަނީ ޕްރޮގްރާމުގައި ވިދާޅުވެދެއްވާފައެވެ.
"އެނގިފައި އޮތް ގޮތުން ގައުމީ ތަރައްގީއާ ބެހޭ ބޮޑު މައުލޫމާތެއް ދައުރު ނިމެގެންދިޔައިރުވެސް އޭރުގެ ހައުސިން މިނިސްޓަރާ (ރައީސް މުއިއްޒާ) ހިއްސާ ނުކޮށްއޮތީ. އެސުވާލު އުފެއްދިން. އޭރު ހުރިހާ ޕްރޮޖެކްޓަކާ ހަވާލުވެ ހުންނެވީ ރައީސް މުއިއްޒު."
އޭރުވެސް ކަންކަން ރައީސް މުއިއްޒު ނިންމަމުން ގެންދެވީ ދީފައިވާ ޓައިމްލައިނަށް ވުރެވެސް ކުރިންކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރުވަނީ ރައީސް މުއިއްޒަށް ގިނަ މައުލޫމާތުތަކެއް ފޮރުވާފައިވާކަން ދެނެވަޑައިގެން ހުންނެވި ކަމަށާއި އެކަމާމެދު އޭރުވެސް މިހާރުވެސް ކަންބޮޑުވާކަމަށް ވިދާޅުވެފައެވެ.
ރައީސް މުއިއްޒަކީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީގެ މުގުލުގައި ހުރި ބޭފުޅާކަމަށް އޭރުވެސް މިހާރުވެސް ބައެއް ބޭފުޅުން ދެކިވަޑައިގަންނަވައެވެ.
އެގޮތުން މިހާތަނަށް ރާއްޖޭގައި ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަސައްކަތްކަމަށްވާ ސިނަމާލެ ބުރިޖްގެ މަސައްކަތް ނިންމީ ރައީސް މުއިއްޒުގެ ހިއްސާވުމާއެކު ކުރެއްވި ބުރަ މަސައްކަތުންކަމަށް އެބޭފުޅުން ދެކެއެވެ.
މެމްބަރު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްކަމުގެ މަގާމުގައި ކުރިން ހުންނެވި ޝަމީމް އެ މަގާމުން ވަކި ކުރި ސަބަބުވެސް ކިޔާދެއްވާފައެވެ. އަދި އެއީ ސިޔާސީ ނިންމުމެއް ނޫންކަމަށް މެމްބަރު ވިދާޅުވިއެވެ.
"އޭރުވެސް މިހާރުވެސް ޕީޕީއެމްގެ ސްޓޭންޑަކީ ޝަމީމް ވަކިކުރުން. ޝަމީމްއަކީ އޭރުވެސް ރިމޫވްކުރަން ބޭނުންވި މީހެއް. ޖަރީމާގެ ލިސްޓު ދިގު . ނަބިއްޔާއަށް ފުރައްސާރަކުރުން އެއްކަމަކަށް ފުދޭ."
ދީނާ ހިލާފު ކަންކަން ކުރައްވާފައިވާކަމަށް ޝަމީމް އިއުތިރާފުވެފައިވާކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ އިސްވެރިއަކަށް ޝަމީމް ބަހައްޓަން ނުޖެހޭނެކަމަށެވެ.
ދީނާ ހިލާފު ކަންކަން ކުރުމުން އަމިއްލައަށް މަގާމުން އިސްތިއުފާ ދޭންޖެހޭނެކަމަށާއި މަޖިލީހުން ވަކިކުރުމުގެ މަސައްކަތްފެށީ އަމިއްލައަށް ނުކުރުމުންކަމަށް މެމްބަރު ވިދާޅުވިއެވެ.
ޕީޖީ ޝަމީމް އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ކުރިއަށް ދަނިކޮށެވެ. ޕީޖީ އޮފީހުން ބުނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދް ސަލީމް ކަމަށެވެ.