logo

ރައްޔިތުން އެދެމުންދާތީ ކާބޯތަކެތީގެ ތަފްސީލު އާއްމުކޮށްފި

profile

އާމިނަތު ޝަފާ - 07 އޯގަސްޓު 2024 - 17:05

ބިދޭސީން ތައްޔާރުކޮށްފައިވާ ތަކެތި

ބިދޭސީން ތައްޔާރުކޮށްފައިވާ ތަކެތި

ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއްގައި، ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ މައްސަލައެއް ފެންމަތިވުމާއެކު ގިނަ އަދަދެއްގެ ރައްޔިތުން އެ ތަކެތީގެ ތަފްސީލު ދިނުމަށް އެދެމުންދާތީ އިމިގްރޭޝަނުން އެ ތަފްސީލުތައް މިއަދު އާއްމުކޮށްފިއެވެ.

އިމިގްރޭޝަން ވޮޗަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން އިއްޔެ ހެނދުނު، މާލޭ ސަރަހައްދުން ގެއެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އެތަނުގައި ދިރިއުޅެމުންދިޔަ 3 ބިދޭސީއެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މި ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާ ކަމަށާއި، މިކަން ވާނީ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިކަން އިމިގްރޭޝަނުން ބުނެފައި ވެއެވެ.

އެއާއެކު ގިނަ އަދަދެއްގެ ރައްޔިތުންވަނީ ސޯޝަލް މީޑިއާގައި އެތަނުގައި ތައްޔާރުކޮށް ވިއްކަމުންދިއަ ކާބޯތަކެތީގެ ތަފްސީލު ދިނުމަށް އެދިފައެވެ.

އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު، ކުދިގުޅަ، ތެލުލިފަތް، ފޯއް އަދި ކިއްލި ފަދަ ބާވަތްތައް އެތަނުގައި ތައްޔާރުކޮށް، ޕެކެޓް ކޮށްފައި ހުއްޓެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން އަންނަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

އެ އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންނަ މީހުންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޑީޕޯޓު ކުރަމުންދާއިރު، މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސިން ރާއްޖެއިން ފޮނުވާލައިފައިވެއެވެ.

https://wamco.com.mv/
tel:+9607331319