އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ރާއްޖެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ދެއްވި ދައުވަތު ބޮޑުވަޒީރު މޯދީ ގަބޫލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ބޮޑުވަޒީރު މޯދީ އަށް ދައުވަތު އެރުވީ އަންނަ އަހަރަކީ ރާއްޖެއާ އިންޑިއާ ސިޔާސީ ގުޅުން ގާއިމް ކުރިތާ 60 ވަނަ އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާ އެކަމަށްޓަކައި ބާއްވާ ހާއްސަ ރަސްމިއްޔާތައް ވަޑައިގަތުމަށެވެ. މި ދައުވަތު އެމަނިކުފާނު އަރުވާފައި ވަނީ ރައީސް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ދެ ބޭފުޅުން އެކުގައި ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގަ އެވެ.
ރައީސްގެ ދައުވަތު ބޮޑުވަޒީރު މޯދީ ގަބޫލުކުރެއްވިކަން އިއުލާންކުރެއްވީ އެ ޕްރެސް އަށް ފަހު، އިންޑިއާ ސަރުކާރުން އެކުގައި ނޫސްވެރިންގެ ބައްދަލުވުމުގައި، ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އެވެ. އޭނާ ވިދާޅުވީ، ރާއްޖެ ވަޑައިގަތުމުގެ ދައުވަތު މޯދީ ގަބޫލުފުޅު ކުރައްވާފައިވާ ކަަމަށެވެ.
ބޮޑުވަޒީރު މޯދީ އަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތު އަރުއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުންތަކުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ވެސް އިންޑިއާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދު އެކަމެއްގެ މައްޗަށް ބިނާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު އެއް މާކެޓަކީ ވެސް އިންޑިއާ ކަމަށެވެ. އަދި ވީހާވެސް ގިނަ އިންޑިއާ ފަތުރުވެރިން ރާއްޖެ އައުމަށް އެމަނިކުފާނު ދައުވަތުވަތު އެރުވިއެވެ.
ރައީސް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ މެރިޓައިމް ސެކިއުރިޓީ ޑޮމައިންގައި ވެސް މުހިއްމު ހިއްސާދާރެއް ކަމަށެވެ. އަދި ތަފާތު އެކި ދާއިރާތަކުން އިންޑިއާގެ އެހީތެރިކަން ލިބެމުންދާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ގައުމުގެ އެހީތެރިކަން އެގޮތުގައި ލިބެމުންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ-އިންޑިއާ ގުޅުން ދުވަހެއް ދުވަހަކަށް ވަރުގަދަވެ ބަދަހިވެގެން ދާނެފަދަ ގޮތަކަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.