
ބަންގްލަދޭޝް އިމާރާތެއްގައި އަލިފާން ރޯވުން
ބަންގްލަދޭޝްގެ އިމާރާތެއްގައި ރޯވެ 43 މީހަކު މަރުވެއްޖެ

އަހުމަދު ޒަލީފު - 01 މާރިޗު 2024 - 12:36
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އަވަށެއްގެ ހަތް ބުރީގެ އިމާރާތެއްގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި 43 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނެފިއެވެ.
ބަންގްލަދޭޝްގެ ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމަށް ފަހު ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރު ސަމަންތާ ލާލް ސެން އޭއެފްޕީއަށް ވިދާޅުވީ އަލިފާނުގެ ހާދިސާގައި މިހާތަނަށް 43 މީހުން މަރުވެފައިވާ ކަމަށެވެ.
ސެން ވިދާޅުވީ ޒަހަމްވި 40 މީހަކަށް އެ ސިޓީގެ މައި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ފަޔާ ޑިޕާޓްމަންޓުގެ އޮފިޝަލް މުހައްމަދު ޝިހާބު ވިދާޅުވީ ރޭ 9:50 ހާއިރު ޑާކާގެ ބެއިލީ މަގުގައި ހުންނަ މަޝްހޫރު ބިރިޔާނީ ރެސްޓޯރެންޓެއްގައި ރޯވި އަލިފާންގަނޑު ވަރަށް އަވަހަށް މަތީ ފަންގިފިލާތަކަށް ފެތުރި އެތައް ބަޔަކު ހާލުގައި ޖެހުނު ކަމަށެވެ.
އަލިފާން ނިއްވާ ފަރާތްތަކުން ދެ ގަޑިއިރުގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެމީހުން 75 މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ފަޔަރ ސަރވިސްގެ ބަޔާނުގައި ބުނެފައިވެއެވެ.
ބެއިލީ ރޯޑް އިމާރާތުގައި މައިގަނޑު ގޮތެއްގައި ރެސްޓޯރެންޓްތަކުގެ އިތުރުން ގިނަ ހެދުންތަކާއި މޯބައިލް ފޯނު ފިހާރަތައް ހުރެއެވެ.
"ހަވަނަ ފަންގިފިލާގައި ތިބިއިރު އެންމެ ފުރަތަމަ ފެނުނީ ސިޑިން ދުން އަރަމުން ދިޔަތަން. އެތައް ބަޔަކު އަވަސްވެގަތީ މަތީ ފަންގިފިލާއަށް ދިއުމަށް. އަހަންނަށް ފެން ހޮޅިއެއް ބޭނުންކޮށްގެން ތިރިއަށް ފޭބީ. އަހަރެމެންގެ ތެރެއިން ބައެއް މީހުން މަތިން ފުންމާލައިގެން ޒަހަމްވި،"، ރެސްޓޯރެންޓް މެނޭޖަރަކު ބުންޏެވެ.
އަނެއް ބައި މީހުން ފުރާޅުމަތީގައި ތާށިވެ އެހީއަށް ގޮވި ކަަމަށް ވެއެވެ.
ބަންގްލަދޭޝްގައި އެޕާޓްމަންޓް އިމާރާތްތަކާއި ފެކްޓްރީ ކޮމްޕްލެކްސްތަކުގައި އަލިފާން ރޯވުމަކީ ރައްކާތެރިކަމުގެ އުސޫލަށް އަމަލުކުރުން ލަސްވުމުގެ ސަބަބުން އާންމު ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން