logo
---

---

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

profile

އަހުމަދު ޒަލީފު - 07 ނޮވެމްބަރު 2023 - 06:58

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގޮސް އޮތް މައްސަލައާ ގުޅުވާ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

https://wamco.com.mv/

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ދެކޮޅަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް 3 ފަރާތަކުން ތަދައްޚުލުވެފައިވެއެވެ. އެއީ ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ.

މި މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ އިއްޔެއެވެ. އަދި މިއަދުވެސް މައްސަލައިގެ އަޑުއެހުން ބާއްވާފައިވެއެވެ. އަޑުއެހުން ނިންމަވާލެއްވިކަން އިއުލާނު ކުރައްވާ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ ވީއެންމެ އަވަހަށް މައްސަލައިގައި ގޮތެއް ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެމްޑީޕީން އެދިފައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުުގެ ނައިބު ރައީސަށް ކަމަށް ބަލައިގެން ޖަލްސާ ކެންސަލް ކުރީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށެވެ. މީގެއިތުރުން އެމްޑީޕީން އެދިފައިވަނީ ރައީސް ވަކިކުރުމުގެ މައްސަލައަށް ނައިބު ރައީސަށް ހާޒިރު ނުވެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުގެ މަތީން ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މި މައްސަލައިގައި ޕީޕީއެމް ޕީއެންސީގެ ފަރާތުންވެސް އެދިފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސްއަށް ކުރިއަށް ނުގެންދެވޭ ހާލަތުގައި އާންމު މެމްބަރަކު ރިޔާސަތު ބަލަަހައްޓަވައިގެން ނަމަވެސް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

ދަ ޑިމޮކްރެޓްސް ޕާޓީން މި މައްސަލައިގައި އެދިފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ އަދި މަޖިލީހަށް ހުށަހެޅިފައިނުވާތީ މަޖިލީހުގެ އެހެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ޑިމޮކްރެޓްސްއިން ވަނީ މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަންނަންޖެހޭވަރުގެ ކަމެއް އަދި ނެތްކަމަށް ވެސް ބުނެފައެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk