އަރަބިއްޔާ ސުކޫލުގެ އައު އިމާރާތުގެ މަސައްކަތަށް 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅުއްވަމުން، މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރުން ހުށަހެޅި ބަޖެޓްގައި ތައުލީމީ ދާއިރާއަށްވެސް ބޮޑު އިސްކަމެއް ދީފައިވާ ކަމަށެވެ.
އެގޮތުން، ހުޅުމާލޭގެ އާބާދީ އިތުރުވަމުން އައުމާ ގުޅިގެން ސްކޫލުތަކުގެ ދަރިވަރުންނަށް ޖާގަލިބުމުގެ ދަތިކަން ހައްލުކުރުމަށް މިބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އަރަބިއްޔާ ސުކޫލުގެ އައު އިމާރާތުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށާއި، ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންނަށް ފޯރުކޮށްދެމުންދާ ތައުލީމީ ފުރުސަތުތައް އިތުރުކުރުމަށްވެސް މި ބަޖެޓުން ޖާގަ ލިބިގެންދާނެ ކަމަށެވެ.
މިސަރުކާރުން ވަނީ ޢަރަބިއްޔާ ސްކޫލު އަޅަން ބިމެއްގެ ގޮތުގައި ކުރީގެ ކުނިކޮށި ހުރި 381 ނަންބަރު ކޮށި ހަމަޖައްސާފައެވެ.
އަރަބިއްޔާ ސްކޫލު ޖާގަ ތަނަވަސް ބިމެއްގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ވެރިކަމާއި ހަވާލުވެވަޑައިގެން އަރަބިއްޔާ ސްކޫލުގެ މަސައްކަތް ފެއްޓެވުމަކީ ވެސް އެ މަނިކުފާނުގެ ވައުދުފުޅެކެވެ.
އަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ގިނަ ދަތިތަކެއް ތަހައްމަލުކުރަން ވަނީ ޖެހިފައެވެ. ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި ވެސް އެ ކަމަށް އެއްވެސް ޙައްލެއް ގެނެސްދެވިފައެއް ނުވެއެވެ.
އެހެންވެ އެ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިން ވަނީ އެތައް ފަހަރެއްގެ މަތިން ނުރުހުން ފާޅުކޮށް، ޝަކުވާތައް ކަމާބެހޭ އިދާރަތަަކަށް ހުށަހަޅައިފައެވެ.
މީގެ ކުރިން 2021ވަނަ އަހަރުގެ ފަހުކޮޅު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެ ތަނުގައި ދަރިވަރުން ކިޔަވަން ތިބުމަށް ނުރައްކާތެރިވުމުން ސްކޫލުގެ ހިންގުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން ނިންމައިފައެވެ.
ނަމަވެސް އެ ނިންމުން ވެގެންދިޔައީ އެ ސްކޫލުގެ ބެލެނިވެރިން ހިތްހަމަޖެހުނު ނިންމުމަކަށް ނޫނެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ހަމަޖައްސަވައިދެއްވީ އެ މައްސަލައާ ގުޅިގެން، ބެލެނިވެރިންގެ ކަންބޮޑުވުންތައް އެ މަނިކުފާނާ ހިއްސާކުރުމުންނެވެ.
އާ އިމާރާތް އެޅެންދެން، ވަގުތީ ހައްލެއްގެ ގޮތުން ކުރިން ފޮރިން މިނިސްޓްރީ ހިންގި ސޯމިލް އިމާރާތް ވެސް އަރަބިއްޔާ ސްކޫލު ހިންގަން ހަމަޖައްސައިފައިވެއެވެ.
މިހާރު އަރަބިއްޔާގެ ދަރިވަރުން ކިޔަމުން އަންނަނީ ކުރިން ވަގުތީ ގޮތުން ދަރުމަވަންތަ ސްކޫލު ހިންގި ވެލާނާގެއާ އިންވެގެން ހުންނަ އިމާރާތުގައެވެ.