
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
45 އަހަރު ނުވާ އަންހެނުން މަހުރަމަކާއި ނުލާ އުމްރާއަށް ނުގެންދެވޭ ގޮތަށް އޮތް އުސޫލު ބަދަލުކުރަނީ

އައިޝަތު އިނާޝާ - 10 އޮކްޓޯބަރު 2024 - 13:09
އިސްލާމިކް މިނިސްޓްރީން އާއްމުކުރި އުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލުގައިވާ، 45 އަހަރު ނުވާ އަންހެނުން މަހުރަމަކާއި ނުލާ އުމްރާއަށް ނުދެވޭ ގޮތަށް އޮތް މާއްދާ އުވާލެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު އަންގަވައިފިއެވެ.
މި މާއްދާއަކީ 2022 ވަނަ އަހަރު އާއްމުކޮށް ޢަމަލު ކުރަމުން އައި އުސޫލުގައިވެސް ހިމެނިފައިވާ މާއްދާއެކެވެ. ނަމަވެސް މި މާއްދާ އާ އުސޫލުން އުނިކުރެއްވުމަށް މިނިސްޓަރު އަންގަވާފައިވަނީ ސަޢުދީ ޢަރަބިއްޔާއިން ކުރިން ޢަމަލު ކުރަމުން އައި އުސޫލު ދާދިފަހުން ބަދަލުކުރައްވާ އަންހެނުންނަށް މަޙުރަމަކާއި ނުލާ އުމްރާ ކުރަން ދެވޭނެ ގޮތަށް ބަދަލުކުރައްވާފައިވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން އާއްމުކުރެއްވި ޢުމްރާއަށް ގެންދިއުމާއި ގުޅޭ އާ އުސޫލަކީ، ޢުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، އުމްރާއަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށައަޅާ ކުންފުނިތަކަށްވެސް ކުރިއަށްވުރެ ބޮޑުތަން ލުއި ވާނެ ގޮތަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް މިނިސްޓްރީން ބުނެއެވެ.. އެގޮތުން މީގެ ކުރިން އަހަރަކު ދެ ފަހަރު ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާ ގޮތަށް އޮތް އޮތުން ބަދަލު ކޮށް، އަހަރުގެ ކޮންމެ ހިސާބެއްގައިވެސް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މިހާރު ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ.
މީގެ އިތުރުން ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ހޯދާ ފަރާތްތަކުން އުސޫލާއި އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށްވެސް އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ
އެގޮތުން އިސްލާމިކް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އުސޫލުގައިވަނީ ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް 500،000 އާއި ހަމައަށް ޖުރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުންވެސް އުސޫލާއި ޚިލާފުވާ ފަރާތްތަކަށް ޖުރިމަނާގެ ބޮޑެތި އަދަބުތަކެއް އުސޫލުގައި ވަނީ ހިމަނާފައެވެ. އެގޮތުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުންޏާމެދު ސޮއިކުރާ އެއްބަސްވުމާއި ކުންފުންޏަކުން ޚިލާފުވެއްޖެ ނަމަ، އެ މައްސަލައެއްގެ ކުޑަ ބޮޑު މިނަށްބަލާ 1،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ކުންފުންޏެއް ޖޫރިމަނާކުރެވެއެވެ.
އަދި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި، އެ އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލެއް ކޮށްފި ނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮތް ކުންފުންޏަކުން ހުއްދައިގެ މުއްދަތުގެ ތެރޭގައި މަކަރާއި ހީލަތް ހެދުމުގެ އެއްވެސް ޢަމަލަކާއި ގުޅޭ މައްސަލައެއް ހުށައަޅައިގެން އެ މައްސަލަ ބަލަމުންދާނަމަ، އެ ފަރާތެއްގެ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑު ކުރުމުގެ އިޚުތިޔާރުވެސް މި އުސޫލުގެ ދަށުން މިނިސްޓްރީއަށް ލިބިގެންދާނެއެވެ. މީގެ އިތުރުން މި އުސޫލުގެ އެއްވެސް މާއްދާއަކާއި ޚިލާފުވެއްޖެނަމަ އެ ކުންފުންޏަކަށާއި އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެއްވެސް ފަރާތެއް ހިމެނޭ ކުންފުންޏަކަށް ކުރިއަށް އޮންނަ ތިން އަހަރު ދުވަހު ޢުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދަ ނުދެވޭނެކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޑރ ޒާހިރު ހުސައިންއަށް ރައީސް ޝުކުރު އަދާކުރައްވައިފި
4 މިނިޓު ކުރިން

އެފޯޑެބަލް ހައުސިންގ ޔުނިޓްތައް 2028 ވަނަ އަހަރު ހަވާލްކުރެވޭނެ: ބީއެމްއެލް
ގަޑިއިރެއް ކުރިން

ފޭކް ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

ސްކޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ބަލައިގެންފި
ގަޑިއިރެއް ކުރިން


