logo
މޯލްޑިވިއަންގެ ބޯޓެއް

މޯލްޑިވިއަންގެ ބޯޓެއް

މޫސުން ގޯސްވުމުގެ ސަބަބުން މަޑިވަރަށް ނުޖެއްސި ފްލައިޓެއް މާލެ އަންނަން ޖެހިއްޖެ

profile

ޒިދާން މުޙައްމަދު - 12 އޯގަސްޓު 2024 - 14:29

މޫސުން ގޯސްވުމުގެ ސަބަބުން މަޑިވަރު އެއާޕޯޓަށް ނުޖެއްސިގެން ފްލައިޓެއް މާލެ އަންނަން ޖެހިއްޖެއެވެ.

https://wamco.com.mv/

މޯލްޑިވިއަންގެ ޓްންސިޓް ފްލައިޓެއްގައި ދަތުރުކުރި މީހަކު ހިއްސާކޮށްފައިވާ ގޮތުގައި، މާލެއިން މަޑިވަރަށް ދިއުމަށް ފުރި އެ ފްލައިޓް ޓްރާންސިޓްވެފައިވަނީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. ނަމަވެސް މާފަރުން މަޑިވަރު ޑޮމެސްޓިކް އެއާޕޯޓަށް ދަތުރު ކުރަމުން ދިޔަ އެ ފްލައިޓް، މޫސުން ގޯސްވުމުގެ ސަބަބުން މަޑިވަރަށް ނުޖެއްސި އެނބުރި މާލެ އަންނަން ޖެހުނުކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އޭނާ ކިޔައިދިން ގޮތުގައި ފްލައިޓް މަޑިވަރަށް ޖެއްސޭތޯ ޕައިލެޓް އެތައް ފަހަރަކު މަސައްކަތް ކުރިއެވެ. އެކަމަކު، އެންމެ ފަހު ފަހަރު މަޑިވަރު އެއާޕޯޓް ރަންވޭއަށް ޖެއްސުމަށް ތިރިކޮށްލުމަށްފަހުވެސް ޖެއްސޭނެ ގޮތް ނުވުމުން ފްލައިޓް ކުއްލިއަކަށް މައްޗަށް އަރައިގެން ދިޔަ ވަގުތަކީ ބިރުވެރި ވަގުތުކޮޅެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

މަޑިވަރަށް ނުޖެއްސުނު ފްލައިޓަކީ މޯލްޑިވިއަންގެ އޭޓީއާރް 42-600 މަރުކާގެ DQA322 ބޯޓެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ މިދުވަސްވަރު ރާއްޖޭގެ އެކިކަންކޮޅުތަަކަށް މޫސުން ވަރަށް ގޯސްކަން ފާހަގަކޮށްލެވެއެވެ.

ފެންބޮޑުވާ ވަރަށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އުތުރު އަތޮޅުތަކަށް އޮރެންޖް އެލާޓް ވެސް މެޓް އޮފީހުން ވަނީ ނެރެފައިވެއެވެ.

މެޓް އޮފީހުން މޫސުން ދަރަޖަކޮށްފައި ވަނީ ވައިޓް، ޔެލޯ، އޮރެންޖް، ރެޑް އަދި މޫސުން ރަނގަޅުވުމުން ގްރީން އެލާޓުގެ ގޮތުގައެވެ. އޮރެންޖު އެލާޓް ނެރެނީ ގަޑިއިރެއްގެ ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައިގަދަވުމުންނެވެ.

މި ހަފުތާގައި މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މިދިޔަ ހަފުތާގައި ލަފާކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk