
ފޮޓޯ އެންވަޔަރަންމަންޓް މިނިސްޓްރީ
ރާއްޖޭގައި އެލް.އެން.ޖީ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ހުށަހަޅައިފި

އައިޝަތު އިނާޝާ - 17 ސެޕްޓެމްބަރު 2024 - 17:46
މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމް އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކޮށް، ސިންގަޕޫރުގެ ޗީ އެނަރޖީ ކުންފުނިން ރާއްޖޭގައި އެލް.އެން.ޖީ (ލިކުއިފައިޑް ނެޗުރަލް ގޭސް) ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ހުށަހަޅައިފިއެވެ
މިނިސްޓްރީން ބުނިގޮތުގައި މި ބައްދަލުވުމުގައި ޗީ އެނަރޖީގެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލްގައި، ރާއްޖޭގައި މޮޑިއުލަރ އެލް.އެން.ޖީ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނެޓްވޯކެއް ޤާއިމުކުރުމުގެ ވާހަކަ ހިމެނޭ ކަމަށެވެ. މިފަދަ ނިޒާމެއް ޤާއިމުކުރުމުން، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީ ގައި މިއަދު ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓަރ ޠާރިޤް އިބްރާހީމްގެ އިތުރުން އެ މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގަތެވެ. ޗީ (ސިންގަރޕޫރ) އެނަރޖީގެ ފަރާތުން ހުށަހެޅި މި ޕްރޮޕޯސަލްއާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކޮށް، ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މާލެ ސަރަޙައްދުގައި ކަރަންޓު އުފެއްދުން އިތުރުކުރުމަށް ބޭނުންވާ ޖާގައާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދާއި ހައުސިންގ މިނިސްޓްރީއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިސްވެރިން ވަނީ މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވާފައެވެ.

ފޮޓޯ އެންވަޔަރަންމަންޓް މިނިސްޓްރީ
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނިގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ މާލެ ސަރަޙައްދުގައި ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ބިމާއި ޖާގައާ ގުޅޭ ކަންކަމެވެ.
މިކަމަށް ބޭނުންވާ ޖާގަ ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކޮށް، އެކަމާ ގުޅޭގޮތުން ކުރިއަށް އޮތްތަނުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން ބުނެއެވެ.
ބައްދަލުވުމާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރ ޑރ.މުޢާވިޔަތު މުޙައްމަދު ވިދާޅުވި ގޮތުގައި މި ބައްދަލުވުމަކީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެކެވެ. އަދި މާލެ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތް ފުޅާކޮށް ރަނގަޅުކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ.
މި ބައްދަލުވުމަކީ ސަރުކާރުގެ އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބައިވެރިން ފާހަގަކުރިއެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ބައްދަލުވުންތައް އިތުރަށް ބާއްވައި، މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖެ އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި
35 މިނިޓު ކުރިން

ވަޒީފާ ބުރާސްފަތި މުޒާހަރާއަކީ ސަރުކާރު ވައްޓާލަން ކުރާ ކަމެއް ނޫން: ރައީސް ނަޝީދު
35 މިނިޓު ކުރިން

ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްކަން އެނގެންޖެހޭ: އާދަމް ޝަރީފް
36 މިނިޓު ކުރިން

ހުސައިން ޢަބްދުއްރަޙްމާން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
37 މިނިޓު ކުރިން


.gif&w=3840&q=75)