logo

ދިވެހިންގެ ރާއްޖޭގައި ހުރިހާ ރައްޔިތުން ޝާމިލުކުރުމަށް ދައްކާ ރީތި ނަމޫނާ

profile

ޝާމާ ޝުޢައިބު - 26 އޮކްޓޯބަރު 2024 - 20:30

ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން

ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން

ދިވެހި ޤައުމަށް އައި އަންނަމުން މިދާ ހަލުވި ބަދަލުގެ ތެރެއިން ފާހަގަކޮށްލެވުނު އެންމެ ބޮޑު ސިޔާސީ އެއް ބަދަލަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދައި ޙަރަކާތްތެރިވާން ފެށުން ކަމަށް ބެލިދާނެއެވެ. ސިޔާސީ ޕާޓީއަކީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތުގެ ދައުރުގައި ތަޖްރިބާކުރި ކަމެއް ނަމަވެސް ސިޔާސީ ރޫޙެއްގައި މި ޙަރަކާތް މި ފެށުނީ ދެހާހުގެ އަހަރުތަކުގެ ތެރޭގައެވެ.

ޕާޓީތަކުގެ ޙަރަކާތްތަކުގެ ނާރެހަކީ ޕާޓީތަކުގެ މެންބަރުންނެވެ. ޕާޓީތަކުގެ އެންމެ މުހިއްމު ޙަރަކާތަކީ ޕާޓީގެ ވިސްނުމާއި ފިކުރު ޢާއްމުންގެ ތެރޭގައި ކުރިއަރުވައި (ޕްރޮމޯޓުކޮށް) ޢާއްމުންގެ ތާއީދު އެ ޕާޓީއަކަށް ހޯދުމެވެ. ސިޔާސީ މައިދާނުގައި ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުމެވެ. ނަމަވެސް މިއަދު މި ފެންނަ މަންޒަރަކީ ރަޖިސްޓަރީކޮށްފައި އޮންނަ ސިޔާސީ ޕާޓީ ބަދަލުވެގެންދާއިރު އެމީހުންނަށް ނޭނގޭ ކަމުގެ ޝަކުވާތައް އިތުރުވަމުން ދިއުމެވެ.

މިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ފާއިތުވި އަހަރު ރާއްޖޭގެ އެންމެ ބިޔަ ބޮޑު ޕާޓީ އެމްޑީޕީއަށް ވެގެން ދިޔަ ގޮތެވެ. އެމްޑީޕީއަށް މި ފަހުން ލިބުނު އެންމެ ބޮޑު އެއް ގެއްލުމަކީ ޕާޓީ ދެ ފަޅިވެ، އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅާ ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީ ދޫކޮށްލެެއްވުމެވެ. އެކަން އެހެން ދިމާވުމުގެ ކުރިން މަޖިލީހުގައި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ވެސް އޮތެވެ.

ނަމަވެސް ނަޝީދާއި އިތުރު މަޖިސް މެންބަރުންތަކެއް ފަހުން އައު ޕާޓީއެއް، ޑިމޮކްރެޓްސްގައި ނަމުގައި އުފަންކުރިއެވެ. އެއާ އެކީ އެމްޑީޕީއަށް މަޖިލީހުގައި ސުޕަރ މެޖޯރިޓީ ގެއްލުނެވެ. އެމްޑީޕީއަށް ލިބުނު އަނެއް ގެއްލުމަކީ ރިޔާސީ އިންތިހާބަށް ފަހު، އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް، ވެރިކަން ކުރާ ޕީއެންސީއާ ގުޅުމެވެ. މިއިން ކޮންމެ ކަމަކީ އެމްޑީޕީގެ ރިހޭ ފައިމައްޗަށް ވެއްޓެމުން ދިޔަ ފޮއެވެ. ގެއްލުމަކަށް ފަހު، ގެއްލުމެކެވެ، ވެއްޓުމަކަށް ފަހު ވެއްޓުމެކެވެ.

ޕާޓީއަކަށް ސިޔާސީ ގޮތުން އިންތިޚާބެއްގައި ލިބޭ ކުރިއެރުމަކާ ގުޅިގެން ޕާޓީގެ ޙަރަކާތްތަކުގެ ދާއިރާ ތަފާތުވެގެން ހިނގައިދާނެއެވެ. އެވަގުތަކު ވެރިކަންކުރާ ޕާޓީނޫން އެހެން ޕާޓީތަކުން ވެސް އަބަދުވެސް މަސައްކަތް ކުރަމުންދާނީ އިންތިޚާބުތަކުގައި ކާމިޔާބު ހޯދައި އެޕާޓީއަކީ ސަރުކާރު ހިންގާ ޕާޓީކަމަށް ވުމަށެވެ. ނަމަވެސް މިއީ މިއަދު ގިނަ ޕާޓީތަކުން ކުރުމަށް ފެއިލްވެފައިވާ ކަންކަމެވެ. ވެރިކަން ލިބުމާއެކު ވަކި ބަޔަކު ބޭނުންވާ ގޮތަކަށް، ވަކި ބަޔަކަށް މަންފާވާ ގޮތަށް ކަންކަން ކުރުމުގެ ނަތީޖާ ވެސް ފެނިއްޖެއެވެ. ޕާޓީގެ މެންބަރުންނަށް ވިސްނުމެއްނެތި ބައެއް އިސްވެރިން ނަގާ މޮޅެތި 'ޑިޒިޝަން' ތަކުން މުޅި ޕާޓީގެ ރޫހުގެއްލި، ޕާޓީގެ މެންބަރުންތައް ވަކިވެގެން ދަނީއެވެ.

ސިޔާސީ ޕާޓީތަކުން ހިންގާ އެންމެ މުހިއްމު އެއް ޙަރަކާތަކީ އެޕާޓީއެއްގެ އެކްޓިވިސްޓުން (ޢަމަލީގޮތުން ޙަރަކާތްތެރިވާ މީހުން) ގެ ކަންތައްތައް ކުރިޔަށްގެންދިޔުމެވެ. އެކްޓިވިސްޓުން ހޯދުމާއި، އެމީހުން ތަމްރީނުކުރުމެވެ. އެއީ ގިނަ ބައެއްގެ ތާއީދާއި ރުހުން ޕާޓީއަށް ހޯދުމަށްޓަކައެވެ. ޕާޓީގެ ތަފާތު ޙަރަކާތްތައް ހިންގުމުގައި، އިދާރީ ހިންގުމުގެ ބަޔަކީވެސް މުހިންމު ބަޔެކެވެ. އަދި ޕާޓީތައް ޤާނޫނީ ގިޔުގަނޑެއްގެ ތެރޭގައި ހަރަކާތްތެރިވާތީ ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ.

ނަމަވެސް އަދުގެ ސަރުކާރު ވަރަށްވެސް ތަފާތެވެ. ފެންނަނީ ދުވަހެއް ދުވަހަކަށް މެންބަރުން އިތުރުވާތަނެވެ. ޕާޓީގެ މުޅި ލީޑރޝިޕް ނުހަނު ޖޯޝާ ފޯރީގައި ޕާޓީއަށް މެންބަރުން އިތުރުކުރުމާއި، މެންބަރުންގެ އަޑުއެހުމުގައި ހޭދަކުރާ މަންޒަރު ކެނޑިނޭޅި ފެންނަމުންދާއިރު ޕާޓީއަށް މީހުން އިތުރުވަނީ އެ ސަބަބަށްޓަކައި ކަމަށް ވެސް އެ ޕާޓީގެ ލީޑަރޝިޕްގައި ތިއްބަވާ ބޭފުޅުން ގަބޫލުކުރައްވައެވެ.

ޕީއެންސީން ގަބޫލުކުރާގޮތުގައި އެ ޕާޓީއަށް މެންބަރުން އިތުރުވާ އެންމެ ބޮޑު އެއް ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚުލްގުފުޅުހެޔޮކަމާއި ތެދުވެރިކަމެވެ. އަދި ރާއްޖޭގެ ތާރީޚުގައި ވެސް ރައްޔިތުން ދުށް ސިޔާސީ ލީޑަރުންނަށް ބަލާއިރު މި ގައުމާއި ރައްޔިތުންގެ ހައްގުގައި އެންމެ ފުރިހަމައަށް ޚިދުމަތް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ ރައީސަކީ ވެސް މިހާރުގެ ރައީސް ޑރ. މުއިއްޒުކަން ކަމަށް ދިވެހި ކޮންމެ ރައްޔިތަކުވެސް މިއަދު ގަބޫލު ކޮށްފި ކަމަށް ވެސް އެ ޕާޓީން ދެކެއެވެ.

މިއަދު ޕީއެންސީން ދައްކަމުން އެދާ ތަފާތު ނަމޫނާ މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ވެސް ފެނުނު އެންމެ ރީތި، އެންމެ ބަދަހި ނަމޫނާއެވެ.

https://wamco.com.mv/
tel:+9607331319